ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފެށުމާއެކު، އޭނާގެ ދިފާއުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގެންފިއެވެ.

ނަޝީދު ވިދާޅުވީ "ހަމަ ކަށަވަރުން މިނިސްޓަރު ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބަ އޮތް" ކަމަށެވެ. މިފަދައިން ވިދާޅުވެ، އެމަނިކުފާނު ވަނީ މިނިސްޓަރު ޝާހިދުގެ މަސައްކަތަށް ސާބަސް ދަންނަވާފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ޝަހިދު ވަނީ ރައީސް ނަޝީދަށް ޝުކރު ވެސް އަދާ ކުރައްވާފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާތީ އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެ ކަމަށް ޖާބިރާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ މީޑިއާތަކުން ޖާބިރާ ހަވާލާދީ ބުނީ، ގައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި ސަރުކާރު ފެއިލްވީ ޝާހިދުގެ ސަބަބުން ކަމަށެވެ.

ޖާބިރު ވިދާޅުވީ، ހުރިހާ މިޝަންތައް ފެއިލްވެފައިވާ ކަމަށާއި ވަކި ގައުމަކާއި ނޫނީ ގުޅުން ބަދަހި ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ޝަހިދަށް ކަމެއް ނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖާބިރު ވަނީ ޝާހިދު އެފަދަ މަގާމެއްގައި ހުންނަވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ މަލިކަކީ ދިވެހިންގެ ރަށެއް ކަމަށާއި އެ ރަށް ހޯދުމަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތްވެސް ޝާހިދު ކުރައްވާތަން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ވަކި ގައުމަކާ މާ ހާއްސަ ގުޅުންތަކެއް ބާއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، ހޯމަ ދުވަހު، 10 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވައްދާނަން. އެ މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގައި މިނިސްޓަރު ޝާހިދަށް އިތުބާރު ކުރައްވާނެ މެންބަރަކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.