ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދަތުރުކުރި މީހެއްގެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް މާލެއިން ތ.ވިލުފުށްޓައް ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި މާލެއިން ވިލުފުށްޓައް ދިޔުމުން މިއަދު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުރަބަންދުގެ ތެރޭގައި، އެޗްޕީއޭއިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދަތުރުފަތުރު ކުރި ފަރާތްތަކާމެދު މީގެ ކުރިންވެސް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުން ހައްޔަރުކޮށް، އެމީހުންނަށް ވަނީ ބަންދުގެ މުއްދަތު ވެސް ޖަހާފައެވެ.

ރާއްޖޭގެ ގިނަ އަތޮޅު ތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

މިހަތަނަށް އައިއިރު، ރާއްޖެއިން މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6370 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3915އަށް ވަނީ އަރާފައެވެ. މިހާރު މިބަލި ޖެހިފައިވާ 2431 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 161 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1355 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. މި ބަލި ޖެހިގެން މިހާތަނަށް ރާއްޖެއިން ނިޔާވެފައި ވަނީ 24 މީހެކެވެ.