މިނިސްޓާ އޮފް ޓޫރިޒަމްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ރުހުން ދީފިއެވެ.

މި ކޮމިޓީން މިނިސްޓަރު މައުސޫމަށް ރުހުން ދީފައިވާއިރު، ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިއާއެކު، ދެން މިނިސްޓަރު މައުސޫމަށް ރުހުން ދޭން ޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. މިނިސްޓަރު މައުސޫމު މި މަގާމަށް އައްޔަން ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހެވެ.

މިނިސްޓަރު މައުސޫމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރުމުގެ ކުރިން މިނިސްޓަރު މައުސޫމް ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ހަމަޖައްސަވާފައިވާ ސަފީރުގެ ގޮތުގައެވެ. ހއ. ކެލާއަށް އުފަން މައުސޫމަކީ، އިނގިރޭސިވިލާތުގެ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ، ޔުނިވާސިޓީ އޮގް ބާމިންހަމުން ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މީގެ ކުރިން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި ސްޓްރީމްލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯއަކީ ވެސް އޭނާއެވެ. އަދި އެސްޓީއޯގެ ބޯޑް ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން މޯލްޑިވްސް ކޮލެޖް ކައުންސިލުގެ މެންބަރު ކަމާއި އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަން ވެސް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވަނީ، ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވާފައެވެ. ޓޫރިޒަމް މިނިސްޓަރު ކަމާއި، އެންވާރަމަންޓް މިނިސްޓަރު ކަމުގެ މަގާމުވެސް މެއެވެ. ޑރ. މައުސޫމް ވަނީ ޓޫރިޒަމް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޓޫރިޒަމް ޕްރޮމޯޝަން އެޑްވައިޒަރީ ކައުންސިލުގެ މެންބަރު ކަމާއި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސްވެރިޔާގެ މަގާމުގެ ވެސް ފުރުއްވާފައެވެ.

އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޯޑު މެންބަރުކަމާއި ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ޑރ. މައުސޫމު ވަނީ ފުރުއްވާފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.