ކުރިއަށް އޮތް ދެ ހަފްތާވެސް މާލެ ސިޓީގެ ސުކޫލުތަކުގައި ކިޔަވައިދިނުން އޮންލައިން ކްލާސްތަކަށް ބަދަލުކޮށްފައިވީ ނަމަވެސް ގްރޭޑް 9 އިން 12 އަށް ސްލޫލަށް ހާޒިރުވެ ކްލާހުގައި ކިޔެވުމުގެ ހުއްދަ ދީފައިވާ ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީން ބުނީ، ސްކޫލަށް ގޮސް ކިޔެވުން މެދުކަނޑާލާފައިވީ ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިފައި ވާތީ ސްކޫލަށް ގޮސް ކިޔަވަން ބޭނުން ދަރިވަރުން ކިޔެވުމަށް ހުއްދަ ދެވިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ބޭފުޅަކު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން, އޭލެވެލް އަދި އޭ.އެސް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށާއި އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން, އޭލެވެލް އަދި އޭ.އެސް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ހުއްދަ ވާނީ ދެވިފައި.
އެޑިއުކޭޝަން މިނިސްޓްރީ

އެޗްއީއޯސީން އެކަމަށް ހުއްދަ ދީފައި ވާއިރު، ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާތީ ކުރިއަށް އޮތް ދެ ހަފްތާވެސް މާލެ ސިޓީގެ ސުކޫލުތައް ބަންދުކޮށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިއްޔެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ މިދިޔަ މަހެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް އެކަކުން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ.