ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނުވާ މީހުންގެ ތެރެއިން ހުޅުމާލޭގައި އުޅޭ މީހުން ކަރަންޓީނު ނިންމާ، ރިލީޒް ސާމްޕަލް ނަގަން ދާން ޖެހެނީ ހުޅުމާލެ ޕްރީ ސްކޫލަށް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރެޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުރިން އޮތީ ކަރަންޓީން ނިންމާ، ރިލީޒް ސާމްޕަލް ނަގަން މާފަންނު މަދަރުސާއަށް ދާން ޖެހޭ ގޮތަށް ކަމަށެވެ. އޭރު ހުޅުމާލޭގައި ރިލީޒް ސާމްޕަލް ނަގާނެ ވަކިތަނެއް ކަނޑައެޅިފައި ނެތް ނަމަވެސް، މިހާރު ހުޅުމާލެއިން ރިލީޒް ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިލީޒް ސާމްޕަލް ނަގަން ހުޅުމާލެއިން ހަމަޖެއްސި ހުޅުމާލެ ޕްރީ ސްކޫލަކީ، ހުޅުމާލެގައި ގާއިމްކުރި ފްލޫ ކްލިނިކް ހުރިތަނެވެ. އެތަނުން މެންދުރު 3:00 އިން ރޭގަނޑު 9:00 އަކަށް ރިލީޒް ސާމްޕަލް ނެގޭނެއެވެ. އަދި މާފަންނު މަދަރުސާއިން ރިލީޒް ސާމްޕަލް ނެގޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުން ޓެސްޓު ކުރަން އެސްއެމްއެސް އެއް ލިބޭނެ ކަމަށެވެ. އަދި މީގެ ދެ ދުވަސް ކުރިން އެޗްއީއޯސީގެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މެސެޖު ދިއުން އެއްދުވަސް ލަސްވި ނަމަވެސް، އެ މައްސަލަ ހައްލު ކުރެވި، ޓެސްޓު ކުރަން ދާންވީ ދުވަހު އެސްއެމްއެސް ފޮނުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިގޮތަށް މި އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުންނާއި ބެޑް ރިޑަން މީހުންނާއި، ބޮޑެތި ބަލިތައް ހުރުމުގެ ސަބަބުން ބޭރަށް ނިކުމެ އުޅެން ދަތިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ އެ މައުލޫމާތު ނެގޭނެ ކަމަށެވެ. އެހެން ކަމުން އެ ފަރާތްތަކަށް، އެ ފަރާތްތަކުގެ ގޭގެއަށް ގޮސް، ސާމްޕަލް ނެގުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީގެ އުސޫލު އޮންނަ ގޮތުން، ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވާ މީހުންގެ ތެރެއިން ވަގުތުން ޓެސްޓު ކުރަނީ ހައި ރިސްކު މީހުންނެވެ. އެއީ އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނެވެ. ދެން ތިބި މީހުން ޓެސްޓު ކުރާނީ 14 ދުވަސް ހަމަވެ، ކަރަންޓީނުން ދޫކުރަން ވީމައެވެ.