ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ޑރ. އިބްރާހިމް އަފްޒަލްގެ ސްލައިޑްތަކުން ދައްކައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުށަހަޅާއިދިން ޑރ. އަފްޒަލްގެ ސްލައިޑުތައް ދައްކާގޮތުން މިހާތަނަށް އެކުޖުމްލަ 6225 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރެއިން 3416 މީހުންނަކީ، ޒުވާނުންނެވެ. އަދި 5 އަހަރުން ދަށުގެ 168 ކުއްޖަކު ޕޮޒިޓިވްވެފައި ވާއިރު، 5 އަހަރާއި 17 އަހަރާ ދެމެދުގެ 485 ކުއްޖަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އަދި 40 އަހަރާއި 64 އަހަރާ ދެމެދުގެ 1319 މީހަކު ޕޮޒިޓިވްވެފައިވާއިރު، 65 އަހަރުން މަތީގެ 295 މީހެއްގެ އިތުރުން ވަކި އުމުރު ފުރައެއް ސާފުނުވާ 542 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެންމެ ގިނައިން ޕޮޒިޓިވްވަނީ އެންމެ ގިނައިން ހަރަކާތެރިވެ އުޅޭ އުމުރުގެ މީހުން ކަމަށެވެ. އެހެންކަމުން އެ އުމުރުފުރައިގެ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅޭނަމަ ބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލްގެ އިތުރު ސްލައިޑްތަކަށް ބަލާލާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ވަޒީފާ އަދާނުކުރާ މީހުންނާއި، ފްރޮންޓްލައިން ވޯކަރުންގެ އިތުރުން ލޭބަރުންނެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވީ ކޮލެޖާއި ސްކޫލު އަދި ވިޔަފާރިތަކާއި ޕްރައިވެޓް އޮފީސްތަކުންނެވެ.

އެންމެ ގިނަ ކޭސް ފްރޮންޓްލައިން ވޯކާސްގެ ފަރާތުން ފެނިފައިވާއިރު، އެމީހުން މަސައްކަތް ކުރަނީ ގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެމީހުންގެ މަސައްކަތުގެ ގޮތުން މަސައްކަތަށް ނުނިކުމެ ނުތިބެވޭނެކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން ގިނައަސް، ފްރޮންޓަލައިނުގައި މަސައްކަތް ކުރާ ޖުމްލަ މީހުންގެ އަދަދަށް ބަލާނަމަ، ޕޮޒިޓިވްވީ ނިސްބަތުން މަދު ބައެއް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަންއެމްޕްލޯއިޑް ނުވަތަ ވަޒީފާއެއް އަދާ ނުކުރާ މީހުންގެ ތެރޭގައި ރިޓަޔާޑް މީހުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މި ކެޓެގެރީގައި ޖުމްލަކޮށް ހިމެނެނީ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި ގިނައިން ބަލި ފެތުރިފައި ވަނީ މަސައްކަތެއް ނެތުމާއި މަސައްކަތް ހޯދުމަށް ބޭރަށް ނިކުމެގެން އުޅުމުގެ އިތުރުން ގޭގައި ހުސްކޮށް ހުރުމުގެ ސަބަބުން ވިޔަފާރި ކުރުން ވެސް އެމީހުންނާ ހަވާލު ކުރެވިގެން ދިއުމާއި، ކޮފީތަކަށް ވެސް ގިނައިން ދެވޭނީ އެމީހުންނަށް ކަމަށް ވުމުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ވަޒީފާއެއް ނެތި ހުންނަ ފުރުސަތުގަވެސް، އެފަރާތްތަކުން ގިނަ ވަގުތު ގޭގައި ހުރުމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ވަޒީފާ ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގައި އުޅެން ޖެހުނަސް އެނޫން ޒަރޫރީ ބޭނުމެއްގައި މެނުވީ، ބޭރަށް ނިކުމެ ނޫޅުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.