ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުމުރުން 46 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ގއ. ކޮލަމާފުށިންނެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ރިވިއު ކޮށްދިނުމަށް ދިފާއީ ވަކީލުން ކޯޓަށް ހުށަހެޅުމުން އެ އަމުރު ރިވިއު ކުރުމަށްފަހު އޭނާ ދޫކޮށްލުމަށް އިއްޔެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، ހައްޔަރުކުރާ މީހުން ހައްޔަރުކުރުމާއި، އެމީހުންގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރުމުގެ ކަންކަން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދެއެވެ. މީގެ އިތުރުން، އެފަދަ މީހުންގެ ވަނަވަރު ވެސް ދަނީ އާންމު ކުރަމުންނެވެ.