ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެެ ބާރު ލިބިފައިވާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ޕްރޮސިކިއުޓާ ޖެނެރަލް އިން ދީފިއެވެ.

ޕީޖީ އިން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކީ އެ އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސޯސް ނުލިބޭ މައްސަލައެއްކަން އެނގިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތަހުގީގު އެހެން އިދާރާއަކަށް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބޭ ކުށެއް އެކުލެވިގެންވާކަން އެނގިއްޖެނަމަ، ތަހުގީގު ނިމެންދެން މަޑުނުކޮށް، އެ ކުށުގެ ބައި އިހްތިސޯސު ލިބޭ އިދާރާއަކަށް ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް ވެސް އަންގަން ޖެހޭ ކަމަށް ވެސް ޕީޖީން ބުނެއެވެ.

ހަމައެހެންމެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ތަހުގީގު އިދާރާތަކުން ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކުރިއަށްގެންދަން ނިންމާނަމަ އެކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައުމަށް ވެސް ވަނީ އަންގާފައެވެ.

ޕީޖީން ބުނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.