ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިނާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ. ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހަށް އެދެ ބޭފުޅުންގެ ނަން މިއަދު ފޮނުއްވާފައިވާ ކަމަށެވެ. އަދި ފޮނުވާފައި ވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ފެންނަ ކަމަށް ލަފާ ލިބިލައްވާފައިވާތީ ކަމަށްވެސް ރައީސްގެ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަން ގާޒީ އަލީ ރަޝީދު ވަގުތީގޮތުން ހަވާލުވެ ވަޑައިގަތީ، އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ގާޒީ އަލީ ރަޝީދު ބެއްލެވި އެ މައްސަލައިގައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމާ އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދެއްވުމަށް ނިންމެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީކަން ހަވާލުކުރެއްވުމުގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

މަޖިލީހަށް ދެ ބޭފުޅަކުގެ ނަން ފޮނުވާފައިވާއިރު، ސުޕްރީމްކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ ހަވަނަ ދުވަހެވެ.