ޕާކިސްތާންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި 'ޕާކިސްތާން ތޯލިބާން' ޖަމާއަތާ ކުރިން ވަކިވެގެން ދިޔަ 2 ގުރޫޕެއް، އަލުން އަނބުރާ އެ ޖަމާއަތުގެ ދަށަށް ގެނެސް، އިއްތިހާދު ހަދާފައިވާކަން ޕާކިސްތާން ތޯލިބާނުން އިއުލާންކޮށްފިއެވެ.

ޕާކިސްތާން ތޯލިބާނުން މިފަދަ އިއްތިހާދެއްގެ ވާހަކަ އާންމު ކޮށްފައި މިވަނީ، އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ގުރޫޕުތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ހިންގަމުންދާ އޮޕަރޭޝަންތަކަށް ކާމިޔާބު ލިބެމުން އަންނަ ކަމަށް ޕާކިސްތާންގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާންގެ ސަރުކާރު ވައްޓާލުމަށް އަމާޒު ހިފާފައިވާ ޕާކިސްތާން ތޯލިބާން ޖަމާއަތަކީ، ތަފާތު އެކި ގޮފިތަކަށް ބައިބައިވެ ކުރިފަޅައިގެން ގޮސްފައިވާ ތަހްރީކީ ތޯލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ގޮތްޕެކެވެ.

ޓީޓީޕީއަކީ އެމެރިކާއިން ކަނޑައަޅާފައިވާ ޓެރަރިސްޓު ގުރޫޕުތަކުގެ ތެރޭގައި ހިމެނޭ ގުރޫޕެކެވެ. ފާއިތުވީ އަހަރުތަކުގައި އެޖަމާއަތުގެ އަޑުވަނީ އިންތިހާއަށް ކަނޑުވާލެވިފައެވެ. އެމެރިކާގެ ވަރުގަދަ އޮޕަރޭޝަންތަކާއެކު ޓީޓީޕީގެ މެމްބަރުން ވަނީ އަވަށްޓެރި އަފްގާނިސްތާނަށް ނުވަތަ ޕާކިސްތާންގެ ތަރައްގީ ވެފައިވާ ހިސާބުތަކަށް ދުވެ ފިލާފައެވެ.

ޕާކިސްތާން ތޯލިބާނުން އިއްތިހާދު ހަދާފައިވަނީ ޖަމާއަތު-އަލް-އަހްރާރް އަދި ހިޒްބު-އަލް-އަހްރާރް ޖަމާއަތާ ކަމަށް ޚަބަރު ލިބެއެވެ. ޕާކިސްތާން ތޯލިބާނުން ބުނީ އެ ދެ ޖަމާއަތުންވެސް، ޓީޓީޕީގެ ލީޑަރު މުފްތީ ނޫރު ވާލީއަށް ބައިއަތު ހިފާފައިވާކަމަށެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާންގެ ސަރުކާރުންވެސް އަދި އަސްކަރިއްޔާއިންވެސް އަދި ވަކި އެއްޗެއް ބުނެފައެވެ.