ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ވިލުފުށީ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ހުޅުވައިފިއެވެ.

ޖިމް ތަރައްގީ ކޮށްފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލުން ހަދާ ޕާކުގެ ބަޔެއްގެ ގޮތު ކުޑަކުދިން ކުޅޭ އޭރިޔާ އާއި ސްކޭޓް އޭރިޔާ އާއި މަސްފެންގަނޑު ކައިރީގަ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ވިލުފުށީގައި ހުޅުވި ޖިމްގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ތިބުމަށް ބޭނުން ކުރެވޭނެ އިކުއިޕްމަންޓު ހުންނާނެ ކަމަށެވެ. އަދި އެ ޖިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި އެ ރަށުގެ ރައްޔިތުން ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޕްރޮޖެކްޓުގައި މަސައްކަތް ކުރި ވިލުފުށީ ވަސަނަ ޖަމިއްޔާގެ ފަރާތުން ބުނީ ވިލުފުއްޓަކީ ސުނާމީއާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް އެ ރަށުގެ ގޯތިތެރޭގައި ހުސްޖާގަ ނޯންނާތީ ކަސްރަތު ކުރުން ފަދަ ކަންކަން ނުކުރެވޭ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ބޭނުމަކީ ގޭތެރެއިން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ ހިތްފަސޭހަ ސަރަހައްދެއް ގާއިމް ކުރުން ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.