ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށް ފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތަކަށް ބިކަވަމުންދާ މައްސަލާގައި ޑީއާރްޕީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން، އެ މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފިއެވެ.

އެ މައްސަލަ ބަލައިނުގަތުމަށް 19 މެންބަރުން ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. މި ވޯޓުގައި 37 މެންބަރުން ބައިވެރިވެ ވަޑައިގެންނެވުމުން، މި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލެވޭނީ، މަދުވެގެން 19 މެންބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ އިތުރުން ޖާބިރު ވަނީ، ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދޭ މައްސަލާގައި ކަމާ ބެހޭ މިނިސްޓަރުންނާ ސުވާލު ކުރުމަށްވެސް ނިންމަވާފައެވެ.

ޖާބިރު ވަނީ މިއަދުގެ މަޖިލީސް ޖަލްސާ ބަލައިލުމަށް ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މަޖިލީހުގެ ޗެމްބަރަށް ދައުވަތު އަރުވާފައެވެ. މަސްވެރިންނަށް މަޖިލީސް ޖަލްސާ ބަލައިލުމަށް ދައުވަތު ދީފައި ވަނީ މަސްވެރިންގެ ހައްގުގައި ޖާބިރު ކުރައްވާ މަސައްކަތަށް ހިތްވަރު ދިނުމަށް ކަމަށް ޑީއާރްޕީން ބުނެއެވެެ.

މަސްވެރިކަމާ ބެހޭ އެކި ކަންކަމުގައި ޖާބިރު ވަނީ މީގެ ކުރިން ވެސް މަޖިލީހަށް ކުއްލި މައްސަލައާއި ގަރާރު ހުށަހަޅާފައެވެ. އެގޮތުން އޭނާ ވަނީ، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ބެހޭގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ، ނަމަވެސް އެ ގަރާރު ވަނީ ބޭރުކޮށްލާފައެވެ.

ރު ވަނީ މަސްވެރިކަމާ ބެހޭ ވަޒީރު، މިނިސްޓާ އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް މީގެ ކުރިން ހުށަހަޅާފައެވެ. ނަމަވެސް، ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް މިނިސްޓަރާ ވާހަކަ ދެއްކެވުމަށްފަހު މިނިސްޓަރު ހާޒިރު ކުރަން ނުފެންނަ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅީ ޖާބިރު އޭނާއާ ޒާތީވެގެން ކަމަށް މިނިސްޓަރާ ހަވާލަދީ މެންބަރު ފަލާހް ވިދާޅުވެފައިވާ ކަމަށްވެއެވެ. އަދި މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރަން ނުފެންނަ ކަމަށް ދޭހަވާ މޭރުމަކުން ފަލާހް ވާހަކަ ދެއްކެވުމަކީ ޖާބިރުގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅާ، އޭނާގެ އިމްތިޔާޒްތަކަށް އަރައިގަތުން ކަމަށް ޖާބިރު ވިދާޅުވެއެވެ.