ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނުގުޅިގެން ހާލުނުބެލުނު 102 ފަރާތެއްގެ ނަންތައް ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެވޭ ކަމަށެވެ.

އެގޮތުން H9 އާއި H11 މި ދެ ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު 102 މީހުން އެބަ ތިބި ކަމަށް ރައިސް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި H9 ލިސްޓުގައި 79 މީހަކު ހިމެނެއެވެ. އަދި H11 ލިސްޓުގައި 13 މީހަކު ހިމެނެއެވެ.

އާންމު ކުރި ލިސްޓުގައި ހިމެނޭ މީހުން މިމަހުގެ 23 ވަނަ ދުވަހު މެންދުރު 3:00 ގެ ކުރިން، ލިންކު ގައިވާ ފޯމު ފުރިހަމަކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.