ކޮވިޑް-19 އާ ގުޅިގެން ދިވެހި ކުންފުނިތައް މެދުވެރިވެ ހޯދުމަށް އެއްބަސްވެފައިވާ އައިސީޔޫ ވެންޓިލޭޓަރުތަކުގެ އަގަށްވުރެ ބޮޑު އަގެއްގައި ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށެވެ.
އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501,150 ރުފިޔާ އަކީ، އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށް ވުރެ ބޮޑު އަގެއް ކަމަށެވެ.
އެގޮތުން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވެންޓިލޭޓަރަކަށް ޖެހޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 288,914 ރުފިޔާއެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރަކަށް ހުށަހަޅާފައިވާ އަގާއި ދިވެހި ކުންފުނިތަކުގެ ތަފާތަކީ 212,236 ރުފިޔާއެވެ. މުޅި ކޮންޓްރެކްޓަށް (65 ވެންޓިލޭޓަރަށް) އިތުރުވާ އަގަކީ 13,795,340 ރުފިޔާއެވެ.
ނާޑު ޕްރައިވެޓް ލިމިޓެޑުން ވެންޓިލޭޓަރަކަށް ޖެހޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 351,577 ރުފިޔާއެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރަކަށް ހުށަހަޅާފައިވާ އަގާއި ދިވެހި ކުންފުނިތަކުގެ ތަފާތަކީ 149,573 ރުފިޔާއެވެ. މުޅި ކޮންޓްރެކްޓަށް (65 ވެންޓިލޭޓަރަށް) އިތުރުވާ އަގަކީ 9,722,245 ރުފިޔާއެވެ.
މީގެ އިތުރުން އެއްބަސްވެފައިވާ މުއްދަތަށް ވެންޓިލޭޓަރު ތައް ފޯރުކޮށް ދީފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. 75 ވެންޓިލޭޓަރު ސަޕްލައި ކުރު މާއި ބެހޭ ގޮތުން ދުބާއީގެ ކުންފުންޏެއް ކަމަށްވާ "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް" އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 ޕްސެންޓް ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އެގޮތުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި ޕްރޮޖެޓްގެ 75 ޕްސެންޓް އަދި އޭޕްރީލް 27 ގައި އިތުރު 15 ޕްސެންޓް ދައްކާފައިވާ ނަމަވެސް، އޯގަސްޓް 6 ގައި އޮޑިޓް ކުރެވުމާއިހަމައަށްވެސް ވެންޓިލޭޓަރުތަށް ހަމައަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އަދި މިނިސްޓްރީ އޮފް ހެލްތުން އޯޑަރުކޮށްފައިވާ ތަކެތި ގުދަނުގައި ބެހެއްޓިފައިވާކަމަށް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން މާޗް 30 ގައި، މިނިސްޓްރީ އޮފް ހެލްތަށް އީ-މެއިލްއިން އަންގައި، އެޑްވާންސް ޕޭމަންޓް އެޕްރީލް ދޭއްގައި އެ ފަރާތަށް ދައްކާފައި ވާއިރު، އޮޑިޓް ކުރެވުނު ތާރީހް، އޯގަސްޓް ހަޔަކާ ހަމައަށްވެސް، ވެންޓިލޭޓަރުތައް ހަމައަށް މިނިސްޓްރީ އޮފް ހެލްތަށް ލިބިފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮރަޕްޓް މިނިސްޓްރީގައި ވަ ކި ހިފާފައި. އަމީނަށް ކެހިދިނީ.! ކޮރަޕްޓް ސިވިލް ސާރވަންޓުން