ހެލްތު މިނިސްޓްރީއިން ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުނި، "އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް" އަކީ ދުވަހަކުވެސް ދައުލަތުން މީގެ ކުރިން ހިދުމަތެއް ހޯދައިފައި ނުވާ ކުންފުންޏެއް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނީ "ސިންގަލް ސޯސް ޕްރޮކިއުމެންޓް" ގެ އުސޫލުން މިނިސްޓްރީ އޮފް ހެލްތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާ 75 ވެންޓިލޭޓަރު ގަތުމަށް ޖުމްލަ 34,502,250 ރުފިޔާ އަށް ހަވާލުކުރުމުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އަކީ މިފަދަ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ޤާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން މިނިސްޓްރީ އޮފް ހެލްތުން ވަޒަންކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ.

އެގޮތުން އެ ކުންފުންޏަކީ ދިވެހި ސަރުކާރާއެކު މީގެ ކުރިން ވިޔަފާރީގެ މުއާމަލާތެއް ކޮށްފައިވާ ފަރާތަކަށް ނުވާއިރު، އެ ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކްޕްމަންޓް ފޯރުކޮށްދިނުމަށް މީގެ ކުރިން އެ ފަރާތުން ކޮށްފައިވާ ޕްރޮޖެކްޓްތަކާއި، ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއްގެ އިތުރުން، ކުންފުނީގެ މާލީ ގާބިލުކަން މިނިސްޓްރީ އޮފް ހެލްތުން ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އަދި އެ ފަރާތުގެ ވެބްސައިޓުން އެ މައުލޫމާތު ހުރިތޯބެލުމަށް، ވަޒަންކުރުމަށްޓަކައި، ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތު މި މުާމަލާތާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުންނާއި އިންޓަނެޓް މެދުވެރިކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ބެލިބެލުމުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްގެ ވެބްސައިޓެއްވެސް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ބެނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައި ވަނީ، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު 35,000 ރުފިޔާ އަށްވުރެ ބޮޑުވާނަމަ، އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހުގައި ކަމަށެވެ.

އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި ވާއިރު، ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.15 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައިވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން، ކޮމިޓީން ބަލައި ޗެކުކުރަންވާނެ ކަމަށާއި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް އާ ހަވާލުކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ހެލްތުން، މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ހުށަހަޅައިގެން، އެ މަސައްކަތާ މެދު، ގޮތެއް ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިނިސްޓްރީ އޮފް ހެލްތަށް އަނގާފައި ވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކުރުމަށް، މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން އޭޕްރީލް އެކެއް ގައި ނިންމާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ނ އަދި 10.34 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި ވާގޮތަށް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންކޮށްފައި ވޭތޯ، ބިޑްކޮމިޓީން ބަލައި ޗެކްކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.