އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ހުށަހަޅަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަަކަށް 58 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން، މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެސްޓީއޯ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޖަލްސާގެ އެޖެންޑާ އާއި ޖަލްސާއާ ގުޅުންހުރި އެހެނިހެން މައުލޫމާތު، އެ ވެބްޕޭޖުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅާ އައިޓަމްތަކުގެ ތެރޭގައި ހިމެނެނީ، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމެވެ. ހަމައެއާއެކު 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރުމަށް ވެސް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓް ކުރުމަށް ފަހު އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިހާބް ކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.

ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނަވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް އަންގާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި އަހަރުވެސް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ކަމަށާއި މި ސިސްޓަމް ވަނީ ކޭޕީއެމްޖީން ވެލިޑޭޓް ކޮށްފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި އަހަރުގެ ޖަލްސާ ބާއްވަންޖެހޭ ހާލަތަށް ރިއާޔަތްކޮށް، ކުންފުނީގެ ކަންކަމާ މެދު ހިއްސާދާރުން ދޭން ބޭނުންވާ ހިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރައްވަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހަޅަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީ ކުރެއްވުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށާއި އެކި ސަބަބުތަކާއެކު ޖަލްސާގައި ބައިވެރިނުވާ، އެހެން ނަމަވެސް ކުންފުނީގެ ކަމަކާމެދު ހިޔާލެއް ނުވަތަ ސުވާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުން، [email protected] އީމެއިލް އެޑްރެސްއަށް ސުވާލުތައް ހުށަހެޅޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހަޅާ ނަމަ ހިއްސާދާރުގެ އައި.ޑީކާޑުގެ ކޮޕީއެއް ހިމަނަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން ސުވާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކަމަށް އެސްޓީއޯއިން ބުނެއެވެ.