ފުރަތަމަ ހަށިގަނޑުގެ ބަރުދަން ބަލާ، އެއަށްފަހު ކާބޯތަކެއްޗަށް އޯޑަރު ދިނުމަށް ކަސްޓަމަރުންގެ ކިބައިން އެދުނު ޗައިނާގެ ރެސްޓޯރަންޓުން މައާފަށް އެދިއްޖެއެވެ.

ޗައިނާގެ ޝަންގްޝާގައި ގެރި މަހުގެ ވިޔަފާރިއަށް ހާއްސަވެގެން ހިންގަމުން އަންނަ ރެސްޓޯރަންޓުން މިފަދަ އުސޫލެއް އެންމެ ފުރަތަމަ ތައާރަފުކުރީ، ކާބޯތަކެތި އިސްރާފު ކުރުން ހުއްޓުވުމާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ގައުމީ ފެންވަރުގައި ފެށި ކެމްޕޭނާ އެކުގައެވެ.

ސަރުކާރުގެ ކެމްޕޭނާއެކު ރެސްޓޯރަންޓުން ވަނީ، އެތަނަށް ވަދެވެން އޮންނަ ސަރަހައްދުގައި ހަށިގަނޑުގެ ބަރުދަން ބެލޭނެ އިންތިޒާމު ހަޖައްސާފައެވެ. އެއަށްފަހު ރެސްޓޯރަންޓުން ތައަރާފުކޮށްފައިވާ މެނޫގައި އެމީހެއްގެ ބަރުދަން ރެކޯޑްކޮށް، އެމީހަކަށް އެންމެ އެކަށޭނަ މެނޫ އޮޕްޝަންތަކެއް ދެއެވެ.

ނަމަވެސް، މި މަޝްރޫއުވީ ރެސްޓޯރަންޓަށް އެޅުނު ޅައެއްޗަކަށެވެ. ސޯޝަލް މީޑިއާގައި މި ކެމްޕޭންގެ ވާހަކަ ފެތުރިގެން ދިޔައީ ނޭދެވޭ ރޫހެއްގައެވެ.

މިކަމަށް މައާފަށް އެދެމުން، ރެސްޓޯރަންޓުން ބުނީ ބަރުދަން ބަލައިގެން ކާބޯތަކެއްޗަށް އޯޑަރު ދިނުމަށް މަސައްކަތް ފެށީ ހެޔޮ ނިޔަތުގައި ކަމަށާ، އެއްވެސް ހާލެއްގައި ބަރުދަން ބެލުމަށް ކަސްޓަމަރުންނަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.