ކ. ހިންމަފުށީގައި ހޯމް ކަރަންޓީނުވެގެން ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ހިންމަފުށިން ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުގެ ސަބަބުން ނެގި ރިލީޒް ސާމްޕަލް އަކުން ކަމަށެވެ. އަދި އެރަށުން ޕޮޒިޓިވްވީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މިއާއެކު، ހިންމަފުށިން ހޯމް ކަރަންޓީނުން ޕޮޒިޓިވްކަން އެނގިފައިވާ މީހުންގެ އަދަދު މިވަނީ 2 އަކަށް އަރާފައެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ޕޮޒިޓިވް ވެފައި ވަނީ ޖުލައި 11 ގައެވެ.

ރާއްޖޭގެ އެކި ރަށްރަށުން މީހުން ޕޮޒިޓިވް ވަމުން ދާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޕޮޒިޓިވް ކޭސްތައް އުޅޭ ރަށްރަށުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 5679 މީހަކު ޕޮޒިޓިވްވެ، 3208 މީހުން ބަލިން ރަނަގޅު ވެފައި ވާއިރު 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 2449 މީހެކެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 14 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

ހިންމަފުށިން މީހަކު ޕޮޒިޓިވްވުމާއެކު، އެކްޓިވް ކޭސްތައް އުޅޭ ރަށްރަށުގެ ލިސްޓަށް ހިންމަފުށި ވެސް އެރީއެވެ.