ފ. ނިލަންދޫން ހޯމް ކަރަންޓީނު ވެގެން ހުރި 4 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ނިލަންދޫން ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުގެ ސަބަބުން ނެގި ރިލީޒް ސާމްޕަލް އަކުން ކަމަށެވެ. އަދި އެރަށުން ޕޮޒިޓިވްވީ 4 އަހަރުގެ އަންހެން ކުއްޖެއް ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މިއާއެކު، ނިލަންދޫން ހޯމް ކަރަންޓީނުން ޕޮޒިޓިވްކަން އެނގިފައިވާ މީހުންގެ އަދަދު މިވަނީ 5 އަކަށް އަރާފައެވެ. އެރަށަކީ މިހާރު ވެސް އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެކެވެ. އެރަށުން 4 މީހަކު ޕޮޒިޓިވް ވީ މިދިޔަ ހުކުރުދުވަހެވެ.

ރާއްޖޭގެ އެކި ރަށްރަށުން މީހުން ޕޮޒިޓިވްވަމުން ދާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕޮޒިޓިވް ކޭސްތައް އުޅޭ ރަށްރަށުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 5679 މީހަކު ޕޮޒިޓިވްވެ، 3208 މީހުން ބަލިން ރަނަގޅުވެފައިވާއި 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 2449 މީހެކެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 14 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.