ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުވެގެން ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ހުޅުދުއްފާރުން ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުގެ ސަބަބުން ނެގި ރިލީޒް ސާމްޕަލް އަކުން ކަމަށެވެ. އަދި އެރަށުން ޕޮޒިޓިވްވީ 44 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މިއާއެކު، ހުޅުދުއްފާރުން ހޯމް ކަރަންޓީނުން ޕޮޒިޓިވްކަން އެނގިފައިވާ މީހުންގެ އަދަދު މިވަނީ 3 އަކަށް އަރާފައެވެ. އެރަށަކީ މިހާރު ވެސް އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސޤޓުގައި ހިމެނޭ ރަށެކެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވެފައި ވަނީ ޖުލައި 12ގައެވެ. ދެން ޕޮޒިޓިވްވި މީހާ ޕޮޒިޓިވްވީ، މިމަހު 6ގައެވެ.

ރާއްޖޭގެ އކި ރަށްރަށުން މީހުން ޕޮޒިޓިވްވަމުން ދާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށާއި މާސްކް އަޅާއިރު ފޮތި މާސްކް އެޅުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕޮޒިޓިވް ކޭސްތައް އުޅޭ ރަށްރަށުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލައިރު މިހާތަނަށް 5679 މީހަކު ޕޮޒިޓިވްވެ، 3208 މީހުން ބަލިން ރަނަގޅުވެފައިވާއި 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 2449 މީހެކެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 14 ރަށެއްގައެވެ. އެއީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ހދ.ކުރިނބި، ފ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.