ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވައިދާ ހިލާފަށް، ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅެގެން ޖުމްލަ 527 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ މޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ މާސްކު ނާޅައި އުޅުނު އިތުރު 63 މީހަކަށް ނަސޭހަތް ދެވި، 40 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ މަނާ ގަޑީގައި ބޭރުގައި އުލޫނު 187 މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި އެ ގަޑީގައި ބޭރުގައި އުޅުނު 83 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ 1896 ފަރާތަކަށް މާސްކް ނާޅާ އުޅުމުގެ ސަބަބުން ނަސޭހަތް ދެވިފައިވާ ކަމަށާއި އޭގެ އިތުރުން 591 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށްވެސް މަތީން ވިދާޅުވިއެވެ. އަދި މަނާ ގަޑީގައި ބޭރުގައި އުޅުނު 1065 މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި 527 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނު ކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ދުއްވޭނެއެވެ.

އޭގެ އިތުރުން އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިއުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެއެވެ.