ހދ. ކުރިނބީން މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ނައިބް ރައީސް އަބްދުލް ފައްތާހް އަބޫބަކުރު ވިދާޅުވީ ފުރަބަންދު ކަރަންޓީންގެ 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ކުރިނބިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކުރިނބިން ޕޮޒިޓިވް ކޭސްއެއް ފެނިފައި ވާއިރު، އިއްޔެ ފ. ނިލަންދޫން ޖުމްލަ ހަތަރު މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ ބުނެފައެވެ. އަދި އެމީހުންވެސް ޕޮޒިޓިވް ވެފައި ވަނީ ކަރަންޓިނުގެ މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ނަގާ ސާމްޕަލުން ކަމަށް އެޗްއީއޯސީން ބުނެއެވެ.

މިވަގުތު އެކްޓިވް ކޭސް ހުރި ރަށްރަށުގެ ގޮތުގައި ކުރިނބީގެ އިތުރުން 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު ކ. މާފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، ފ. ނިލަންދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުން ޖުމްލަ އަދަދު ވަނީ 5572 އަށް އަރާފައެވެ. ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 3010 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 150 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1506 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.