ފ. ނިލަންދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައިވަނީ އުމުރުން 36 އަހަރާއި 56 އަހަރުގެ ދިވެހި 2 އަންހެނުން ކަމަށެވެ.

އެމީހުން ޕޮޒިޓިވް ވީ، ކަރަންޓިނުގެ މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ނަގާ ސާމްޕަލް އިންނެވެ.

މިއަދުވެސް ފ. ނިލަންދޫން ވަނީ 2 މީހަކު ޕޮޒިޓިވެ ވެފައެވެ. އެމީހުންނަކީވެސް ކަރަންޓިނުގައި ތިބި ދެ މީހުންނެވެ. އެއީ އުމުރުން 30 އަހަރާއި، 40 އަހަރުގެ 2 ފިރިހެނުންނެވެ.

ނިލަންދޫއިން ޕޮޒިޓިވް ކޭސް ފެންނަމުން ދާއިރު އެމީހުންނާ ކޮންޓެކްޓް ވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެ އެންމެން ތިބީ ކަރަންޓީނުގައި ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ފ. ނިލަންދޫ މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިއަދުވެސް ރާއްޖޭގައި ކޮވިޑް-19އަށް 78 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި ބަންގްލްދޭޝްގެ 25 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 4 މީހަކާއި ނޭޕާލްގެ އެކެއްގެ އިތުރުން ލަންކާގެ 2 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5572 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސް ހުރި ރަށްރަށުގެ ގޮތުގައި 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު ކ. މާފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، ފ. ނިލަންދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.