ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު ޔޫން މުހައްމަދު ޔުނާންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކީ ކުރެވިއްޖެ ކަމަށް ޔުނާން ބުނެފިއެވެ.
ޔުނާން އެހެން ބުނެފައި ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓް މެދުވެރިކޮށެވެ. އެގޮތުން ޔުނާން ބުނީ ﷲ ގެ ރަހުމަތްފުޅާއެކު ޔޫންގެ ސާޖަރީ ކާމިޔާބުވި ކަމަށާއި ޔޫން ގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ޔޫންގެ ކަންތައްތަކުގައި އެހީތެރިވި އެންމެނަށް ޔުނާން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާސަންދައިގެ އެހީގައި ޔޫން ގޮވައިގެން އޭނާގެ އާއިލާ އިން ޓްރިވަންޑްރަމް އަށް ފުރީ މިދިޔަ މަހު 29 ގައެވެ. ޔޫންގެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ނުފުރިގެން ޔުނާން އާއި އޭނާގެ އަންނެހުން ވަނީ ޔޫން ގޮވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ދޮށަށްވެސް ގޮސްފައެވެ.
މުލިއާގޭ ދޮށުގައި ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށް އެދި އާދޭސް ކުރަމުން ދިޔަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އިރު އާސަންދަ އަދި އަމިއްލަ ބައެއް ފަރާތްތަކުގެ އެހީއާއެކު ޔޫންގެ ފަރުވާ އަށް އިންޑިއާ އަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އުފަންވި ޔޫންއަކީ އުފެދުމުގައިވެސް ހިތުގެ މައްސަލައެއް ހުރި ކުއްޖެކެވެ. އޭނާ އުފަންވި ފަހުން 2 ދުވަސް ތެރޭ ހިޔުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.