ސަވާރީ ބޯޓް ކޭސްގައި ހއ. ކެލައިން ޕޮޒިޓިވްވި 10 މީހުން ބަލިން ރަގަޅުވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ ސަވާރީ ބޯޓް ކޭސްއާ ގުޅިގެން އެރަށުން ޕޮޒިޓިވްވި 10 މީހުން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި އަދި އެމީހުން މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

ކެލާ ސަވާރީ ބޯޓު ކޭސްއާ ގުޅިގެން ޕޮޒިޓިވް ވި 10 މީހުންނާ ކޮންޓެކްޓް ވެގެން 70 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާ 14 ދުވަހުގެ މޮނިޓަރިންގައި އެމީހުން ބޭތިއްބިއެވެ.

ކެލައިން ޕޮޒިޓިވް ވި މީހުން ރަނގަޅު ވުމާއެކު މިހާރު ކެލާގައި އެކްޓިވް ކޭސް އެއް ނެތެވެ. ކެލާގައި އެކްޓިވް ކޭސް އެއް ނެތް ނަމަވެސް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެންމެންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަން ދިނުމަށާއި ގޭގައި ތިމުބަށް ކެލާ ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުދިއުމަށާއި ބޭރަށް ދާ ވަގުތުތަކުގައި މާސްކަ އަޅުމަށާއި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އެ ކައުންސިލުން ބުނެއެވެ.

ސަވާރީ ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވީ، ކޮވިޑްގެ އަލާމާތްތައް ފެނި ދަތުރުމަތީގައި ހދ ނޮޅިވަރަންފަރަށް ޖައްސާ ހެދި ޓެސްޓުންނެވެ.

ކައްޕި ޕޮޒިޓިވް ވުމުން އޭނާ ގެންދިޔައީ ށ. އަތޮޅު ފެސިލިޓީއަށެވެ. އޭނާއާ ކޮންޓެކްޓް ވެ ޕޮޒިތިވް ވި 9 މީހުން ތިބީ ކެލާގައި ގޭގޭގައެވެ.