އުމުރުން 61 އަހަރުގެ އަންހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންތަރު (އެޗްއީއޯސީ) އިން ބުނީ ނިޔާވި އަންހެން މީހާ އޮތީ ހުުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 22 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑްގައި ނިޔާވި 21 ވަނަ މީހާ އަކީ ރޭ ނިޔާވި އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އިއްޔެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނީ ނިޔާވި ފަހުން ކަމަށް ވުމާއެކު އެއީ ކޮވިޑް މަރެއްތޯ ނޫންތޯ އެޗްއީއޯސީން ނިންމީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑްގެ ހާލަތުގައި އިތުރު 3 މީހަކު މީގެ ކުރިންވެސް ނިޔާވެފައި ވެއެވެ. އެ މީސް މީހުންގެ ޓެސްޓްވެސް ނިޔާވި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވީ ނަމަވެސް އެއީ ކޮވިޑް މަރެއް ނޫން ކަމުގައި އޭރު އެޗްޕީއޭއިން ކަނޑައެޅިއެވެ. ކޮވިޑް މަރެއް ކަމުގައި އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑު ސީދާ ސާފު ނުވިޔަސް، ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މީހަކު ނިޔާވެއްޖެ ނަމަ އެއީ ކޮވިޑް މަރެއް ކަމުގައި ނިންމާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރާއްޖޭގައި އިއްޔެވެސް 128 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި ބަންގްލްދޭޝްގެ 35 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 4 މީހަކާއި ނޭޕާލްގެ 2 މީހެއްގެ އިތުރުން ލަންކާގެ 4 މީހެކެވެ.

މިއާއެކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 156 އަށް އަރާފައެވެ. އަދި ކޮވިޑު ޖެހިފައި އެކިއެކި ފެސިލިޓީތަކުގައާއި، އާންމު ގޭގޭގައި ތިބި މީހުންގެ ޖުމްލަ މިހާރު ވަނީ 2553 އަށް އަރާފައެވެ. އިއްޔެ ރާއްޖޭގައި ބަލިން ރަނގަޅު ވީ 36 މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ކެލާ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު ވ. ފުލިދޫ، ޏ. ފުވައްމުލައް ކ. ތުލުސްދޫ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.