މިއަދު ރާއްޖެއިން އިތުރު 128 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މިވަގުތު ފަރުވާ ދެމުންދާ މީހުންގެ އަދަދު 2553 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި ބަންގްލްދޭޝްގެ 35 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 4 މީހަކާއި ނޭޕާލްގެ 2 މީހެއްގެ އިތުރުން ލަންކާގެ 4 މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 36 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 2920 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 156 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1476 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 14 ރަށެއް ހިމެނެއެވެ. އެއީ ހއ. ކެލާ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު ވ. ފުލިދޫ، ޏ. ފުވައްމުލައް ކ. ތުލުސްދޫ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.