ރާއްޖޭގެ ފަތުރުވެރިކަމުގެ މަތީ ފަންތީގެ ވަޒީފާތަކުގައި ދިވެހިން ތިބޭނެ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެން ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ޕަބްލިކް އިވެންޓް، ކްލިކް ކޮލެޖުގެ ކޮންފެޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (ޔޫކޭ) ޕްރޮގްރާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމްގެ މައްޗަށް ބިނާވެފައިވާއިރު، އެ ދާއިރާ އިން މީހުން ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް ހިސާބަށް ގެނައުމަށް މަސައްކަތް ކުރިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޒުވާނުންނަށް ދާއިރާގެ މަތީފަންތީގެ ވަޒީފާތައް އަދާކުރުމަށް ބޭނުންވާ ތަމްރީނާއި ތައުލީމު ހޯދުމުގެ ފަސޭހަތައް ނެތުން ކަަމަށާއި ފަތުރުވެރިކަމުގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ދިވެހި ޒުވާނުން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ އަސްލު ފަތުރުވެރިކަމުގެ މަސައްކަތުގެ އެންމެ މުހިއްމު ފައިދާ ލިބޭނެ މަގުތައް ކަށަވަރު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގުވމީ ގޮތުން ފާހަގަކޮށްލެވޭ ކޮލިފިކޭޝަނެއް ލިިބުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ފަތުުރުވެރިކަމުގެ ދާއިރާ އިން ތަމްރީނާއި ތަޖުރިބާ ހޯދުމުގައި ހޮޓާތަކާއި ރިސޯތުތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ޑރ. މައުސޫމް ހަމަޖައްސަވަައި މަގާމުގެ ފަތްކޮޅު އަރުވައިފައި ވަނީ އޮގަސްޓް 6، 2020 ވީ ބުރާސްފަތި ދުވަހެވެ. ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.