ދިވެހިރާއްޖެއަށް ބޭނުންވަނީ ރޯންޖެހޭ ވަރުގެ ބުރަ ވިޔަފާރި ލޯން ނޫން ކަމަށާއި ލުއި ލޯން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މިއަދު ދިން އެހީގެ ޕެކޭޖާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގައުމު ދަރަނީގެ ތެރޭގައި ތާށިވެފައި ތިބޭ ފަދަ އަގުބޮޑު ލޯނުތަކުގެ ބަދަލުގައި އިންޑިއާ އިން މިއަދު ރާއްޖެ އަށް ފޯރުކޮށްދިން ހަރަދު ކުޑަ އެހީއަކީ ރާއްޖެ އަށް އެންމެ ބޭނުންވާ އެހީ ކަމަށެވެ.

އަދި އެކަމަށް ރައީސް ނަޝީދު ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން ދީފައިވާ އެ އެހީއަށް ނަޝީދު ޝުކުރު އަދާކުރައްވާފައި ވާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރާފައި ވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ގެންދަވަނީ އިރު އިރު ކޮޅާ އެވާހަކަ އާ ކުރައްވައި ޗައިނާއަށް ފާޑު ވިދާޅުވަމުންނެވެ.

އަދި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީ އަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާ އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް ދިނުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އަޅަން 500 މިލިއަން ޑޮލަރާއި، ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން އިންޑިއާ އިން މިއަދު ވަނީ ހާމަކޮށްފައެވެ.