މިއަދަކީ ދިވެހިރާއްޖެ އާއި އިންޑިއާ ގުޅުމުގައި ފާހަގަ ކޮށްލެވޭ ދުވަަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން މިއަދު ރާއްޖެއަށް ދޭން ނިންމި ބޮޑެތި މާލީ އެހީތަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ މިއަދަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ.

އެގޮތުން އެ އެހީގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަންނަން، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު އަދި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދީފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށް ރައީސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސޯލިހް ޝުކުރު އަދާކުރައްވާފައި ވާއިރު، މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާން ކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއެކުރީ 2019 ވަނަ އަހަރުގެ މާޗް މަހުއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.