ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމަށް އިދިކޮޅު ކޯލިޝަނުން އެދިފައި ވަނީ "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ކަންތައް ކުރުމަށް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ހޯމް މިނިސްޓްރީގެ ބޭފުޅުންނާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހޯމް މިނިސްޓްރީން ހާމަ ކޮށްފައި ވަނީ މަކަރުވެރި ގޮތަކަށް ކަމަށެވެ. ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ފުރަތަމަ އެދުނީ، ހައި ކޯޓުން ދައުލަތުގެ މައްޗަށް އަންގާފައިވާ ލޯޔަރުންގެ ބައްދަލު ވުން ހަމަޖައްސައި ދިނުމަށް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްވެސް އެދިފައި ވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ޝުޖާއު ވަނީ އެކަންތައް ކޮށްފައި ވަނީ އަމާ ބުނީތީ ފަރައްދާ އުސޫލުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކޯޓުން އެގޮތައް ކަންތައް ކުރުމަށް ދައުލަތަށް އެންގެވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކ. މާފުށީ ކައުންސިލުގެ ހުއްދަ ހޯދުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

ޝުޖާއު އެފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ އާ ބާއްދަލު ކޮށްފައި ވާކަމަށް ބުނުމުގެ އިތުރުން އެއްވެސް ތަފްސީލެއް އެ މިނިސްޓްރީން މީޑިއާގައި ހާމަ ކޮށްފައި ނުވާތީއެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ އެ ބައްދަލުވުމަކީ ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބި ލަސްވަމުން ދާތީ އެކަމުގައި އޮތް ކަންބޮޑުވުންތައް ހިއްސާ ކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން ގާތްގަނޑަކަށް ދެ ގަޑިއިރަށް މަޝްވަރާ ކުރެވުނު ކަމަށާއި އަދި ޖަލުގައި ޔާމީންއާ މެދު ކަންކަން ކުރަމުން ދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ވެސް އެ ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި ރައީސް ޔާމީނަށް ވަނީ ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ މައްސަލަތައް ދިމާވެފައި ވާއިރު، ޖަލުގައި ހުންނެވުމުގެ ސަބަބުން ހިތްޕުޅުގެ ބައްޔެއް އުފެދިފައިވާ ކަމަށާއި، މައި ބަދައިގެ އޮޕަރޭޝަނެއް ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމުގެ އިތުރުން ސިއްހީ އެހީތެރިކަން ލިބޭ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ، ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދުމަށް މީރާއަށް އަންގާފަށެވެ.