އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރާ ލިޔުމުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަޑުތައް ފެތުރުމާއެކު ރައީސް ނަޝީދަށް ރައްދު ދެއްވައި އެމްޑީޕީ ހަލާކު ނުކުރެއްވުމަށް ކުރީގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

މޫސަ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުސީދާކޮށް ނަޝީދު ކުރިމަތިލައްވައި، މި ސަރުކާރުގެ ގިނަ ހިދުމަތްތެރިން ގުރުބާން ކުރައްވާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ކުރިމަތި ލައްވާއިރު ރައީސް ސޯލިހް "8 ކުޅި" ކުރިއަށް ކުޅުއްވާނެ ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިފަހަރު މޫސަ ވިދާޅުވާ ބަސް އަޑުއައްސަވާ އެމްޑީޕީ ހަލާކު ނުކުރެއްވުމަށް މޫސަ ގޮވާ ލެއްވިއެވެ. އަދި އެމްޑީޕީއަކީ ގިނަ ބައެއްގެ މަސައްކަތުން މިހާ ހިސާބަށް ގެނެސްފައިވާ ޕާޓިއެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ހަލާކުވެގެން ދާ ކަމަށް މޫސަ ވިދާޅުވެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ މެންބަރުންތަކެއް މަސައްކަތް ކުރައްވަމުން ދާ ދަނޑިވަޅެއްގައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ލިޔުން މަޖިލީހަށް ވައްދާ ލިޔުމުގައި މިހާރު 20 މެންބަރަކު ސޮއި ކުރައްވައިފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެއެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ އެމްޑިޕީގެ މެންބަރުން ބައިބައި ވެފައި ވާ ތަނެވެ.

ރީކޯ މޫސަ އަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އެމްޑިޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާ އޭނާ މަޑުން ހުންނެވީ، 2013 ވަނަ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ރަސްމީ ހައިސިއްޔަތެއް ނެތުމުން ކަމަށް ކުރިން ރީކޯ ވަނީ ވިދާޅުވެފައެވެ.