އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ އެކި ދުވަސްމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ތިރުގެ، އިބްރާހީމް ނަދީމް ސޯލިހު 32އ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، 18 އަހަރުން ދަށުގެ ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

ނަދީމް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި 25 ވަނަ ދުވަހު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އެގޮތުން މިމަހު ނުވަ ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައިވަނީ، މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި ނަދީމް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށެވެ.

އޭގެ އިތުރުން ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި ނަދީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީވެ، ގާނޫނު ނަންބަރު 12/2016 ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.