އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަން މަޖިލީހަށް ހުށަހަޅާ ލިޔުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް މަގާމުގައި ހުންނަވައިގެން އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް ކުރައްވާފައި ނުވާނެ ކަމަށެވެ.

"އެކި ދިމަދިމާލުން މީހުން އެހެން އެބަ ބުނޭ. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދު ސޮއި ކުރައްވާނެ ކަމަކަށް. އެންމެ ކުރިއަކު ނޫން އަދި ފަހަތުގައިވެސް."
ފައްޔާޒް އިސްމާއީލް

އެގޮތުން އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން ތައްޔާރު ކޮށްފައިވާ ލިޔުމުގައި ރައީސް ނަޝީދު ސޮއި ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުގެ ބަދަލުގައި އެފަދަ ކަމެއް ހިނގާފައިވާނަމަ އެކަމެއް ރަނގަޅު ކުރަން އެމަނިކުފާނު މަޝްވަރާކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދު އޭނާއަށް އިތުބާރު ނުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ރައީސް ނަޝީދު އަޅުގަނޑާ ދޭތެރޭ އެވަރުގެ ނޯ ކޮންފިޑެންސް ނަގަން ޖެހޭ ހިސާބަށް ދިއުމުގެ ކުރިން އެވަރުގެ ކަމެއް އޮތިއްޔާ އެކަމެއް ރަނގަޅުކުރަން އަޅުގަނޑާ ހިއްސާ ކުރައްވާނެ ކަމަށް ގަބޫލުކުރަނީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެ ދައްކާ ވާހަކައެއް."
ފައްޔާޒް އިސްމާއީލް

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި 20 މެންބަރަކު ސޮއިކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ބޭނުން ވަނީ 14 މެންބަރުންގެ ސޮއިއެވެ. މިހާރު އަދަދު ހަމަކޮށްފައި ވާއިރު، މި ހަފްތާގައި މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާޒުގެ އިތުބާރު ނެތްކަމަށް ތާއީދު ކުރައްވާ އިރު އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން ފައްޔާޒަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ފައްޔާޒުއަށް އިތުބާރު ވޯޓް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ހަމައެއާއެކު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީގެ އިތުރުން ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމާއި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ފައްޔާޒަށް ފުރިހަމަ ތާއީދު އޮތް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ސީދާ ސަބަބު ސާފުވާ ގޮތް ނުވިޔަސް، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ކުރަން މަޖިލީހުގެ 43 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ.