ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން ހާއްސަކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެއްވިއެވެ.

ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެ ކަންކަން ގަވާއިދުން ބަލަމުން ގެންދިއުމަށް ވެސް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ވާކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރު ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހާއްސަކޮށް ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި، އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މި ކަންކަން ހައްލުކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ ހިޔާލުފުޅު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ.

ހަމަ އެހެންމެ، މި ކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތަކާއި، އަދި މާލޭގެ ބައެއް ސަރަޙައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރަމުން ގެންދާ ގޮތާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދިތެލާއި ގޭސް ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވެންހުރި ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި ފަޔާ އެންޑް ރެސްކިއު ސާވިސަސް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ވަނީ ބައިވެރިވެފައެވެ.

އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ގޭސްއާއި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އަހުމަދު ނަސީމާއި އަހުމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.