ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އަންގައިފިއެވެ.

އޭޖީ އޮފީހުުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ހުކުމްކޮށްފައިވެއެވެ.

އެ ހުކުމްކޮށްފައި ވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް އަންގާރަ ދުވަހު މީރާއަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން ވާނީ އެ އިދާރާއާ ހިއްސާކުރެވިފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައި ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެއެވެ.