ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުންނަށް ކޮވިޑް-19 އިން ރައްކާތެރި ގައުމެއް ގޮތުގައި ޔޫރަޕުން ރާއްޖެ ކަނޑައަޅާފައި ނެތުމުން އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ މެންބަރުން ކުރެއްވި ސުވާލުތަކަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެންމެންގެވެސް ބޭނުމަކީ ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުން ކަމަށައި ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު ސޭފް ޓެރެވަލްގެ ލިސްޓްގައި ރާއްޖެ ނުހިމެނެތީ އެއީ ކީއްވެ ވާ ކަމެއްތޯއާއި އެކަން އެގޮތައް ހިނގާފައިވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ޔޫރަޕް ގައުމުތަކުގެ ސޭފް ޓްރެވަލް ލިސްޓުތަކުގައި ރާއްޖެ އަދިވެސް ނުހިިމެނޭ ކަން ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.
އެކަމާ ކަންބޮޑުވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ޔޫރަޕްގެ ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އެނބުރި ދިއުމުން އެ މީހުން ކަރަންޓީގައި މަޑުކުރަން ޖެހޭ ކަމަށާއި މިނިސްޓަރު އަމީން އެކަމާ މެދު ވިސްނައި ވަޑައިގަތުމަށް އެދޭ ކަމަށެވެ.
ސަބަބެއް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރައްވާފައި ވަނީ ޔޫރަޕްގެ ގައުމުތަކުން ގައުމަކަށް ދަތުރުކުރާ މީހުން އެ ގައުމުގައި ކަރަންޓީން ވާން ނުޖެހޭ ކަމަށައި ނަމަވެސް ރާއްޖެ އައިސްފައި އަނބުރާ ޔޫރަޕަށް ދިޔައިމަ ކަރަންޓީން ވާން ޖެހޭ ކަމަށް ވިދާޅުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްވަފު ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައި ވަނީ މިދިޔަ މަހު 15 ވަނަ ދުވަހެވެ. ބޯޑަރުތައް ހުޅުވާލުމުން ޓޫރިސްޓުން އަންނަން ވަނީ ފަށައިފައެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ދަތުރު ކުރުމުގައި ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ.