ޅ. ނައިފަރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނައިފަރު ކައުންސިލުން ބުނީ ޕޮޒިޓިވްވެފައި ވަނީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިއެއް ކަމަށެވެ.

އޭނާ އަކީ ކޮވިޑަށް ޝައްކު އަލާމާތްތަކެއް ފެނިގެން ޓެސްޓް ހެދި މީހެއް ކަމަށާއި އެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ އަކީ "ނެގައާރު" ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ. އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީއެއް ކަމަށް މަައުލޫމާތު ލިބެއެވެ.

ނައިފަރުން މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެ އަތޮޅު ހިންނަވަރުން ވެސް ވަނީ ކޮވިޑް ކޭސްއެއް ފެނިފައެވެ. އެ ރަށުގެ މީހަކު ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ނިންމާ ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓްގެ ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 12 ރަށެއް ހިމެނެއެވެ. އެއީ ހއ.ކެލާ، ހއ.ފިއްލަދޫ، ރ.ހުޅުދުއްފާރު، ބ.ކުޑަރިކިލު، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނާވައިދޫ، ބ.ކަމަދޫ، ޅ.ހިންނަވަރު، ވ.ފުލިދޫ، ޏ.ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 5223 އަށް އަރާފައިވާއިރު، 2849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ.