އުމުރުން ދުވަސް ވީ ދިވެއްސަކު ކޮވިޑް ޖެހިގެން މިއަދު ނިޔާވެއްޖެއެވެ. މިއަދު ނިޔާވެފައި ވަނީ އަންހެނެކެވެ. މި ކަމާ ގުޅޭ ގޮތުން އެޗްޕީއޭއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ނިޔާވި މީހާ އޮތީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ. އަދި އެ މީހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 77 އަހަރުގެ އަންހެނަކާއި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 89 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ އަންހެނަކާއި 67 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް އައިއިރު، ރާއްޖެއިން މިބަލިޖެހިފަިއވާ މީހުންގެ އަދަދު 5223 އަށް އަރާ، 2849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2354 ކޭސް އުޅޭއިރު އޭގެތެރެއިން 148 މީހުން ވަނީ ހޮސްޕިޓަލުގައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ، 1507 މީހެކެވެ.