ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުގެ މައްސަލައިގައި ކުރެއްވި ސުވާލަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކަށީގެންވާ ޖަވާބެއް ނުދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޯފާވެ ވަޑައިގެންފިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ އެދިވަޑައިގަތުމަކަށް މިނިސްޓަރު އަމީންއާ ސުވާލުކުރެއްވުމަށް މިއަދުގެ މަޖިލީހަށް ހާޒިރުކުރުމުން ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު، ވެންޓިލޭޓަރުތައް ގެނައުން ލަސްވުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެެއް ހޯދުމަށް މަސައްކަތް ކުރައްވައިފައި ވަނީ ހާއްސަކޮށް ލޮކްޑައުންގެ ހާލަތަށް ބައްލަވައިގެން ކަމަަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަމީނާ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ ކަމަށާއި ޖަވާބު ދެއްވުމުގެ ބަދަލުގައި ކަމާ ނުގުޅޭ ވާހަކަ ދައްކަވާފައިވާ ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުން ވަނީ މިނިސްޓަރު އަމީނަށް ތުހުމަތު ކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް އެ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މެންބަރު ކުރެއްވި ސުވާލު ވަނީ ތަކުރާރު ކުރައްވާފައެވެ.

އެ އައްސަވާ ސުވާލަކީ އެހެން ވީމާ ފުރަތަމަ ކޮވިޑް ރޯގާ ފެތުރެން ފަށުމުން ރާއްޖެއާ ގުޅޭގޮތުން ކުރި ސާވޭގައި މިތައް ވެންޓިލޭޓަރު ބޭނުންވާނެ ކަމަށް ވިދާޅުވި އަންދާޒާ ކުރައްވާފަ، މިތައް ނަރުހުންނާއި މުވައްޒަފުންނާއި އެނދު މިވެނި ވަރަކަށް ބޭނުން ކުރެވޭނެ ކަމަށް އޭރުގެ އަންދާޒާތަކުން ވިދާޅުވި، މެންބަރު އެ ސުވާލު ކުރެއްވީ އަންދާޒާ ކުރި ވަރަށް ވެންޓިލޭޓަރު ލިބިއްޖެތޯއޭ. މިދިޔަ ހުރިހާ ވާހަކައެއް ހުއްޓުވާލައްވާފައިވެސް މި އެތި ބޭނުން ވާން ވާއިރަށް އެ އެތި ހުރިތޯއޭ، ކިތައް އެތި ތޯއޭ ހުރީ،
ރައީސް ނަޝީދު

ރައީސް ނަޝީދު ސުވާލު ތަކުރާރު ކޮށް ކުރެއްވުމާ އެކު މިނިސްޓަރު ވިދާޅުވީ އެވަގުތެއްގެ އަންދާޒާ ކުރުންތަކަށް ކުރަމުންދާ ކަމަށެވެ. ނަމަވެސް ވާހަކަ ފުރިހަމަ ނުކުރެއްވެނީސް ރައީސް ނަޝީދު ވަނީ ރުޅިވެރި ކަމާ އެކު ވާހަކަ ހުއްޓުވާ ސުވާލު ތަކުރާރު ކުރައްވާފައެވެ.

ނޫން ނޫން، ސީދާ ދިވެހި ރާއްޖޭގަ އާބާދީއަށް ބަލާފައި އެޕިޑޮމޮލަޖިސްޓުން އަންދާޒާ ކުރި، މިންވަރަށް ކޮވިޑް ފެތުރިގެން ދިޔައީމާ ރާއްޖެއަށް ބޭނުންވާ މެޝިނަރީ ބޭނުންވާނެ ވަރާއި، އެވަގުތުގެ އަންދާޒާއެއް ނޫން އެއީ އިއްޒަތްތެރި ވަޒީރު،
ރައީސް ނަޝީދު

އެއަށްފަހު މިނިސްޓަރު އަމީނަށް ދެއްވި ފުރުސަތުގައި ވިދާޅުވީ ރާއްޖޭގެ ނޭޝަނަލް ރިކުއާމަންޓް ލިސްޓްގައި އެ ވަސީލަތްތައް އޭރު ވަނީ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށާއި ލިސްޓުގައި ހިމެނޭ ހުރިހާ ވަސީލަތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް އެ އަދަދު ހަމަވުމުން ހާލަތައް އަންނަ ބަދަލާ ގުޅިގެން އަވަހަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގޮސްފައި ވާނެ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައްވެސް އެންމެ ފުރަތަމަ ހިމެނި ލިސްޓުގައި ހިމެނޭ އަދަދަށް މިހާތަނަށް ހަމަވެފައި ނުވާ ކަމަށާއި އަދި އެ ލިސްޓުގައި ހުރި އެހެން ވަސީލަތްތައްވެސް އެ އަދަދަށް ހަމަވެފައި ނުވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހުރިހާ ވަސީލަތްތައް ހޯދުމުގައިވެސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް މިހާރުގެ ހާލަތައް ބޭނުންވާ ވަރަށް ރާއްޖޭގައި ވެންޓިލޭޓަރު ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ރާއްޖެއަށް ގެނައުމަށް ހަމަޖައްސާފައިވާ ވެންޓިލޭޓަރުގެ މައުލޫމާތު ހޯދުމަށް ނޫސްވެރިން ވަނީ އެތައް ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ރާއްޖެއިން މިދިޔަ ފެބްރުއަރީ މަހު މަސައްކަތް ފަށާފައި ވާއިރު، އޭރުއް ސުރެ ވެންޓިލޭޓަރުތައް ރާއްޖެ ގެންނަން އެކި އެކި ތާރީހު ދިން ނަމަވެސް ވެންޓިލޭޓަރުތަކާ ބެހޭ މާބޮޑު އަޕްޑޭޓެއް ލިބިފައެއް ނުވެއެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރެވޭނެ 124 ވެންޓިލޭޓަރު މިހާރު ވެސް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް މެއި 21، 2020 ގައި އޭރުގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނެފައިވަނީ 129 ވެންޓިލޭޓަރު ރާއްޖޭގައި ހުރި ކަމަށެވެ.

ހަމައެއާއެކު މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ކުރީގެ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން އެމަޖެންސީގައި ގެންނަން އުޅުނު 75 ވެންޓިލޭޓަރުގެ ތެރެއިން 45 ވެންޓިލޭޓަރު މެއި މަހުގެ ތެރޭގައި ރާއްޖެ ގެނެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ ވެންޓިލޭޓަރުތައް ގެނެވިފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމާ އެކު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދިނުމާއެކު އަނެއްކާވެސް ކޮވިޑް ބަލިމަޑުކަން ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެހެންކަމުން އަނެއްކާވެސް އެލީ ފިޔަވަޅުތަކަށް ލުއިތަކާ އެކު އަނެއްކާ ވެސް ފޮިޔަވަޅުތައް ހަރުކަށި ކުރުމަށް ސަރުކާރުން މަސައްކަތް ވަނީ ފަށާފައެވެ. މިހާރު ކޮވިޑް ފެތުރެމުންއަންނަ މިންވަރު އިތުރުވެފައިވާ އިރު ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.

އެހެންކަމުން ވެންޓިލޭޓަރާ ގުޅިގެން ސުވާލު ކުރުމުން އެޗްއީއޯސީން ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ދުބާއީގެ ކުންފުންޏަކުން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރު ގެނައުން ލަސްވަނީ ވެންޓިލޭޓަރުތަކުގެ ފުރިހަމަ އަގު އެއްކޮށް ދެއްކުމަށް އެ ކުންފުނިން ޑިމާންޑް ކުރާތީ ކަމަށެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 75 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.