ރޭގަނޑު ގިނައިން ކޮވިޑް-19ގެ ކޮންޓެކްޓްސް ގިނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރޭގަނޑު ވަކި ގަޑިއެއްގައި ކާފިއު އިއުލާންކޮށްފައި ވަނީ ކީއްވެތޯއާއި އެގަޑީގައި ކޮވިޑް ނޫޅެނީތޯ ކުރި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބަށްފަހު ރައީސް ނަޝީދު ވިދާޅުވީ ހެލްތް މިނިސްޓްގެ ކޮންޓެކްޓް ޑިޕާޓްމެންޓުން ރޭގަނޑު ބޮޑަށް ކޮންޓެކްޓް ވާކަމަށް ފާހަގަވާ ކަމަށެވެ.

ރޭގަނޑުގެ އެ ގަޑި ކަނޑައެޅިފައި ވަނީ ސައިންޓިފިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށާއި އެކަން ރައީސް ނަޝީދު ވަނީ އޮޅުން ފިލުއްވާފައި ކަމަށް ވިދާޅުވިއެވެ. އަދި ހެލްތް މިނިސްޓާގެ ހިސާބަކީ މި ފަހުން އައިސް ނުނިކުންނަހާ ސައްހަ ހިސާބު ކަން ޔަގީން ކުރައްވާ ކަމަށެވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގް ޑިޕާޓްމެންޓުން ފާހަގަވޭ، ރޭގަނޑު ކޮންތެކްޓް ވާ ކަމަށް، އަޅުގަނޑު ހިތުން ރޭގަނޑުގެ އެ ގަޑި ކަނޑައެޅިފައި އެ ވަނީ ސައިންޓިފިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑު އޮޅުން ފިލިވައިފީމު، އަދި އަޅުގަނޑަށް 100 އިން 100 ޔަގީންކަން ދެން މިނިސްޓަރުގެ ހިސާބު އެއީ މި ފަހަކުން އައިސް ނުނިކުންނަހާ ސައްހަ ހިސާބު
ރައީސް ނަޝީދު

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، މެންބަރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ޕޮޒިޓިވް ނަންބަރަކީ ސައްހަ ނަންބަރުތަކެއް ކަމަށާއި ކޮންމެ ދުވަހަކުވެސް ހެދޭ ޓެސްޓުގެ ތެރެއިން އެއީ ޕޮޒިޓިވްވާ މައުލޫމާތު ކޮންމެ ދުވަހަކުވެސް ހާމަ ކުރަމުންދާ ކަމަށެވެ.

ވަކި ގަޑިއެއްގައި ކާފިއު އިއުލާން ކޮށްފައި ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށާއި އެއީ ބަލި ފެތުރެމުންދާ ނިސްބަތް މަޑު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އޭގެ އިތުރުން އެއީ މީހުން ބަލިން ރައްކާތެރި ކުރުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ތަކެއް ކަމަށް މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ.

މިހާތަނަށް އައިއިރު، ރާއްޖެއިން މިބަލިޖެހިފަިއވާ މީހުންގެ އަދަދު 5223 އަށް އަރާ، 2849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2354 ކޭސް އުޅޭއިރު އޭގެތެރެއިން 148 މީހުން ވަނީ ހޮސްޕިޓަލުގައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ، 1507 މީހެކެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ.