ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނަގަން އުޅޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މި ސަރުކާރުން ރާވައިގެން ކުރަމުން ގެންދާ އެކިއެކި މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކުރި ގަވައިދަކީ ރައީސް ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަަށް ސަރުކާރުގެ މަކަރާއި ހީލަތްތެރި ރޭވުމެއް ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މީހުންގެ އަމިއްލަ މުދާ މިފަދަ ގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އަދި އެއީ ސަރުކާރުން ބަލިކަށިވެ ތާއީދު ކުޑަވަމުން ދާއިރު ރާއީސް ޔާމީންގެ އިތުރުން އެ ކޯލިޝަންގެ އެކިއެކި ފަރާތްތަކާ، މި ސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައި އެ ކޯލިޝަނުން ބުނެއެވެ.

އެހެންކަމުން ސަރުކާރު ފެއިލްވެ ގޮތް ހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ މުސްތަގްބަލުގައި އެފަރާތްތަކަށްވެސް ކުރިމަތިލާން ޖެހިދާނެ ކަމެއް ކަން ސަރުކާރަށް ހަނދާން ކޮށްދޭ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާ ހުއްޓާލާ އެމަނިކުފާނު މިނިވަން ކުރުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އޮގަސްޓް 10، 2020 އިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެގަވައިދުގައި ބުނާގޮތުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންވާނެއެވެ. އަދި އެކައުންޓުން ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާގޮތެއްގެ މަތިންނެވެ.

އެގޮތުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ޖަމާކުރަންޖެހޭނެއެވެ.