ދައުލަތް ދަރަނިވެފައިވާ ވަރު އޮޅުން ނުފިލާ ކަމަށް ބުނުމަކީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްނެގުމަކަށް އަމީރު މަޖިލީހަށް ހާޒިރު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ފައްޓަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން ދަރަނި ނެގުމުގައި އަމަލު ކުރަމުން ގޮސްފައި ވަނީ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ އެއް ގޮތަށް ކަމަށެވެ.

އަދި ކޮންމެ އަހަރެއްގެ ބަޖެޓް ހުށަހަޅާ އިރު މަޖިލީހަށާއި ކޮމިޓީ އަށް އެކްޓިވް ލޯނުތަކުގެ ތަފްސީލުތައް ހުށަހަޅަމުން އަންނަ ކަމަށާއި ކުރީގެ ސަރުކާރުން ގޯސްކޮށް އެތައް ކަމެއް ކޮށްފައި ހުއްޓަސް، ފިނޭންސް މިނިސްޓްރީ އަކީ ދައުލަތުގެ ވަކި އިންސްޓިޓިއުޓެއް ކަމަށްވެސް ވިދާޅުވެ މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޯށްލަން ބޭނުންވޭ، އިއްޒަތްތެރި ރައީސް ކުރިން ވާހަކަ ދެއްކެވުމުގަ ކުރިން ފާގަކޮށްފަ ވޭ ކޭޝް ފްލޯގެ ވާހަކަ، ފިނޭންސް މިނިސްޓްރީގަ އަޅުގަނޑުމެންގެ ކޭސް ކޮމެޓީއެއް އޮވޭ، މިނިސްޓްރީ އޮފް ފިނޭންސްގެ އިންޓެގްރިޓީ އާއި ސިވިލް ސާވިސްގައި އެ ތިބޭ ކުދިންގެ މަސައްކަތްތަކާއި އެ ކަންކަމަކީ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ކަންކަމެއް ނޫން. ދައުލަތް ދަރަނިވެފައިވާ ވަރު އޮޅުންނުފިލާކަން އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން
އަމީރު

އެކަމާ ގުޅިގެން އިތުރައް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ދަރަނީގެ ސްޓެރެޓެޖީ ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ގާނޫނުގައި އޮންނައިރު އެ ގޮތަށް އަމަލު ކުރަމުންދާ ކަމަށާއި ދައުލަތުގެ ދަރަނީގެ ބަޖެޓްގެ މައުލޫމާތު ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓްގައި ހިމަނާ ކަމަށާއި ދައުލަތުގެ ދަރަނީގެ ނިސްބަތް ވަރަށް ސާފުކޮށް އެބަ އެނގޭ ކަމަށެވެ.

އަދި މަޖިލީހަށް މައުލޫމާތުތައް ދިނުމުގައި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ހާމަކުރަމުން ގެންދަވާ ކަމަށާއި އެއްވެސް ސޮވެރިން ގެރެންޓީއެއް ނުވަތަ ލޯނެއްގެ މައުލޫމާތު ހާމަކުރުމުގައި އިހުމާލެއް ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވަނީ ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.

ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި ހުރި މިންވަރު ސާފު ނުވާތީ އާއި ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ހިސާބުތަކަކާއި މަޖިލީހުގައި ކުރިން ހުރި ހިސާބުތަކާ ދިމާ ނުވާ ކަމަށް ބުނެ އެ ކަމުގެ ތަފުސީލުތައް ހޯދުމަށެވެ.