މަސައްކަތު ބުރަ ބޮޑުވެ، ހާސްކަމާ ނުތަނަވަސް ކަމުގެ ކަނޑަކަށް ގެނބެންދާ ވަގުތު ބޯހަމަޖައްސާލުމަށް އަޅުގަނޑުމެންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަރޯސާވާ އެކައްޗަކީ ހޫނު ސައިތައްޓެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް، ސައި ބުއިމަށް ލޯބިކުރާ މީހުން މަދެއް ނުވާނެއެވެ. ކިތަންމެ ވަރަކަށް ސައި ބުއި ކަމުގައި ވީ ނަމަވެސް، ފޫހިނުވާ މީހުންވެސް އުޅެއެވެ. ވާނީވެސް އެހެންތާއެވެ. ތަފާތު އެކި ޒާތްޒާތުގެ ސައި، މިހާރުވެސް ލިބެން އެބަހުއްޓެވެ. ސައިގެ ހުރިހާ ތަޖުރިބާކުރި މީހަކު ހުރިކަމެއް ނުވަތަ ނެތްކަމެއްވެސް ނޭނގެއެވެ.

ސައަކީ އޭގައި ސިއްހީ ގޮތުން ބަލާއިރު ގިނަގުން ފައިދާތަކެއްވެސް އެކުލެވޭ ބުއިމެކެވެ. ދާދިފަހުން ކުރި ދިރާސާއަކަށް ބަލާއިރު، ސައި ބުއިމަކީ، ސިކުނޑީގެ ސްޓްރަކްޗާ ހެޔޮ ފާލަކަށް ފަރުމާކޮށްލާ ކަމެއްކަން ވަނީ ހާމަވެފައެވެ. މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ގަވައިދުން ސައި ބޯ މީހުންނަކީ އެނޫން މީހުންނާ އަޅާ ބަލާއިރު ކާމިޔާބު ބޮޑު ބައެކެވެ. ސައި ބުއިމަކީ ސިކުނޑީގެ މަސައްކަތްތަކުގެ އިތުރުން ސްޓްރަކްޗާއަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ.

ބަރުދަން ލުއިކުރުމުގެ އިތުރުން، ކަށިތަކަށްވެސް ސައިގެ ފައިދާ ކުރޭ/ފޮޓޯ: އިން ދަ ނޯ

ދިރާސާގައި ވީ ކިހިނެއް؟

"ހެބިޗުއަލް ޓީ ޑްރިންކިންގް މޮޑިއުލޭޓްސް ބްރެއިން އެފިޝަންސީ: އެވިޑެންސް ފްރޮމް ބްރެއިން ކަނެކްޓިވިޓީ އިވަލުއޭޝަން"ގެ ނަމުގައި ކުރި މި ދިރާސާ އާންމުކޮށްފައިވަނީ، "އޭޖިންގް" ޖާނަލްގައެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ދިރާސާގެ ބައިވެރިންގެ ކިބައިގައި ސައި ބުއިމުގެ އާދަ ހުރި، ނެތް ގޮތް ބެލުމަށް ހަވާލު ކުރެވުނު ސުވާލު ކަރުދާހަކާއެކުގައެވެ. ބައެއް ސުވާލުތަކުގެ ތެރޭގައި އެ މީހުން ސައި ބޯ މިންވަރުގެ އިތުރުން، އާންމު ގޮތެއްގައި ބޮއި ހަދާ ސައިގެ ތަފްސީލުތައް އޮޅުން ފިލުވާފައިވެއެވެ.

ދިރާސާގައި ބައިވެރި ކުރި ހުރިހާ އެންމެނަކީވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. މި ހުރިހާ އެންމެންވެސް ވަނީ އެމީހުންގެ ނަފްސާނީ ސިއްހަތާ، އާންމު ދިރިއުޅުމުގެ އާދަތަކުގެ އިތުރުން ސިއްހީ ހާލަތާ ބެހޭ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ.

ސައި ބޯ މީހުންނާ އެނޫން މީހުންނާ ދެމެދު ބޮޑު ފަރަގެއް ހުރޭ/ފޮޓޯ: ޓޭސްޓިންގް ޓޭބަލް

ދިރާސާއިން އެއްކުރި ތަފާސް ހިސާބުތަކަށް ބަލާ، ބައިވެރިން 2 ގުރޫޕަކަށް ބަހާލިއެވެ. އެއީ ސައި ބޯ މީހުންނާ އެނޫން މީހުންގެ ގުރޫޕެވެ. އެއަށްފަހު ކޮންމެ ބައިވެރިއަކަށްވެސް އެމްއާރްއައި އާއި އެނޫންވެސް ޓެސްޓުތައް ހަދަން ޖެއްސިއެވެ.

ސައި ބޯ މީހުންނާ އެނޫން މީހުންނާ ދެމެދު ބޮޑު ފަރަގެއް ހުރި ކަން، ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސައި ބުއިމުގެ އާދަ ހުންނަ މީހުންގެ ސިކުނޑިން އެދެވޭ މެސެޖުތަކެއް ލިބިފައިވާކަމަށް ދިރާސާގެ ނަތީޖާގައި ވަނީ ފާހަގަކޮށްފައެވެ.

ސައި ބޯ މީހުންނަކީ އެނޫން މީހުންނާ އަޅާ ބަލާއިރު ކާމިޔާބު ބޮޑު ބައެއް/ފޮޓޯ: މައިރާ

ސައިގެ ބައެއް ފައިދާ

ސަޔަކީ ގުދުރަތީ އެކި ތާސީރުން އުފައްދާ މީރު ބުއިމެކެވެ. ސައި ބުއިމަކީ ސިކުނޑީގެ މަސައްކަތްތަކުގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އޭގެ ފައިދާ ލިއްބައިދޭ ބުއިމެކެވެ. އެންޓިއޮކްސިޑަންޓްގެ މުއްސަނދިކަން ލިބިފައިވާ ސައިގައި، ކެފީން އެކުލެވެނީ ކޮފީއަށްވުރެ މަދުންނެވެ. ގަވައިދުން ސައި ބުއިމަކީ ހާޓްއެޓޭކާ ސްޓްރޯކްގެ ނުރައްކަލާވެސް ދުރުކޮށްދޭ ކަމެއް ކަމަށް ބާރުދޭ ދިރާސާ އެބަހުއްޓެވެ.

ބައެއް މީހުންނަކީ ހާސްވެ ނުތަނަވަސް ވާ ވަގުތުތަކުގައި ސައިބުއިމަށް ލޯބިކުރާ ބައެއް/ފޮޓޯ: ދަ ސޭވީ

ބަރުދަން ލުއިކުރުމުގެ އިތުރުން، ކަށިތަކަށްވެސް ސައިގެ ފައިދާ ކުރެއެވެ. ހަމައެހެންމެ، ސަޔަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހިވެދޭ ބުއިމެއްކަންވެސް ފާހަގަކުރަންޖެހެއެވެ. ސައި ބުއިމުގައި ސަމާލުވާންވީ، އެއްވެސް ހާލެއްގައި ދެތިން ހަތަރު ސައިސަމުސާ ހަކުރާ އެކު ބޯލާ ފަނިތައްޓެއް ބޯލުން ފަދަ ކަމަކަށް އެކަން ނުހެދުމަށެވެ.