އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލައިފައިވަނީ މިމަހު ނުވަ ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތީތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ނައްތާލައިފައި ވަނީ ޖޫން 9، 2019 އިން މާރިޗު 27، 2020 ވަނަ ދުވަހާ ހަމައަށް ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއާ ޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެކި ބްރޭންޑްތަކުގެ 162 ފުޅިއާއި 20 ދަޅު ބިޔަރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.