ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

މި ޕޮރޮމޯޝަން ކުރިއްދާނީ 31 އޮގަސްޓްގެ ނިޔަލަށް ކަމަށްވެސް ދިރާގުން ބުނެއެވެ.

މި ހާއްސަ ޕްރޮމޯޝަންސް ތައާރަފުކޮށްފައިމިވަނީ ދިރާގު ޓީވީއަށް ދާދިފަހުން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގައިއެވެ.

އެހެންކަމުން މި ދަނޑިވަޅަކީ ސްޓާ ނެޓްވޯކްގެ ބެލުންތެރިނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށްވެގެންދާނެއެވެ. ސްޓާ ނެޓްވޯކުން ވަނީ ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދިޔަ ހުރިހާ ޑްރާމާ ސިލްސިލާތައް ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އަނބުރާ ދައްކަންފަށާފައިއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕްސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.