ރައްޔިތުން މަޖިލީހުން ކުރާ ކަންކަމަށް އެކި ވުޒާރާތަކުން ނޫސްބަޔާން ނުނެރުމަށާއި އެފަދަ ކަންކަމާ ނުބެހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މިއަދުގެ މަޖިލީސް ފެއްޓުމަށް ރިޔާސަތުން އަންގާ އެންގުން ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތް އިން ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތާ ގުޅޭގޮތުން ބަޔާނެއް ނެރެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރައް ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި އަދި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެބާވަތުގެ ނޫސް ބަޔާން ނެރެ ބެހިވަޑައި ނުގަތުމަށް އަންގަވާ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް ސިއްހީ ފަރާތްތަކުން ދެއްކެވި ވާހަކައިގައި ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނަށް ރައްދު ދެއްވައެވެ.
އެ ބަޔާނުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ހެލްތު މިނިސްޓްރީން ވަނީ ރައްދު ދީފައެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ވެސް އެކަށީގެންްވާ ހެކިތަކާއި އެކި ގައުމުތަކުގެ ތަޖުރިބާއަަށް ބަލައި ރާއްޖޭގައި ބަލި ފެތުރޭ އަދި އިޖާބަދެވޭ މިންގަނޑުތައް ގާތުން މޮނިޓާކުރަމުން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.
ބެހެވޭނެ