އދ. މަހިބަދޫއިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ހެދި ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެެެވެ.

މިކަން އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ އެ މީހާގެ ދެ ވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.

މަހިބަދޫ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެއެވެ. އެއީ އިތުރު ފަރުވާއަށް މާލެ ފޮނުވި މީހެކެވެ.

މާލެ ގެނައި ފަހުން ޕޮޒިޓްވި މަހިބަދޫ މީހާއަކީ އުމުރުން 80 އަހަރުން މަތީގެ މީހެކެވެ. އޭނާ އަކީ މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދޭން ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭޑީކޭއަށް ގެންގޮސް އެ މީހާ ހެދި ފުރަތަމަ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ދެވަނަ ސާމްޕަލެއް ނަގާފައި ވަނީ ރޭ ފަތިހުއެވެ.

މަހިނބަދޫއިން މާލެ ގެނައި މީހާގެ ނަތީޖާ ނެގެޓިވް ވެފައި ވާއިރު، މިއަދު ވަނީ އައްޑޫ ހިތަދޫއިންވެސް މީހަކު ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެ އަތޮޅު ފޭދުއިން ފުލުހަކު ވެސް ވަނީ ރޭ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީ މީގެ 2 ދުވަސް ކުރިން ފޭދޫއަށް ދިޔަ އުމުރުން 38 އަހަރުގެ ފުލުހެކެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ މާލެއިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށާއި ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.