ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ނިންމާފައި ވާނީ ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ނިންމުންތަކަކުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑާ ގުޅިގެން އެކި ފަހަރުމަތިން މި މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައި ވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ނިންމާފައިވާ ނިންމުންތަކަށް ކަމަށެވެ.
އެހެންކަމުން ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލުން ކަމަށްވެސް އެ ބާޔާނުގައި ބުނެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ ރިސޯޓުތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށް ކުރިން ނެރުނު ސާކިއުލާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ފެސިލިޓީތަކުގައި ދިވެހިންނަށް ޗުއްޓީ ހޭދަ ނުކުރެވޭނެ ކަމަށެވެ.
އެގޮތުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ އެއްވެސް ރިސޯޓެއްގައި އަދި ޓޫރިސްޓް ފެސިލިޓީ އެއްގައިވެސް ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދިޔުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ގައެވެ.