ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުތޯ ބަލަން ޖެހޭ ކަމަށް މިނިސްޓްރީ އޮފް ހެލްތް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން އެ ކޮމެޓީއަށް ބައެއް މެންބަރުން ދެއްވި މައުލޫމާތުތަކާއި ގުޅޭ ކަންކަން ސަާފުކޮށްދިނުމަށް ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ކޮމެޓީން ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން ފާހަގަ ކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ކޮމެޓީއަށް މައުލޫމާތު ދިނުމުގެ ކުރިން އެ މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ސިއްހީ ދާއިރާ އިތުރައް ހަރުދަނާ ކުރުމަށް ހިޔާލާއި ލަފައަށް މިނިސްޓްރީން އަބަދުވެސް ތަރުހީބުދޭ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ސިއްހީ ދާއިރާގެ މަސައްކަތަކީ ފަންނީ ހިދުމަތް ތަކެއް ކަމަށާއި އެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރި ވަމުން ދަނީ ސިއްހީ ދާއިރާގެ ހާއްސަ ގިންތި ތަކުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށެވެ.
ސިއްހީ ދާއިރާގެ ފަންނީ ނިންމުންތަކަކީ ސަރުކާރުން ނިންމާފައިވާ ސިޔާސަތުތަކާއި އެއްގޮތައް ނިންމާފައިވާ ނިންމުންތައް ކަމަށާއި އެކި ދާއިރާތަކުގައި ސިޔާސީ ބޭފުޅުން ތިބިނަމަވެސް ސިއްހީ ދާއިރާ އިތުރައް ތަރައްގީކޮށް ފުޅާކޮށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖްރިބާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތަކާއި އެކު ހުއްޓުމެއްނެތި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ހިންގުން ކުރިއަށް ގެންދަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް މެދުކެނޑުނަ ނުދިނުމަށް ހޯދާ ތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތައް ބިޑިން ޕްރޮސެސްގެ ތެރެއިން ކަން ފާހަގަ ކޮށްފައިވެއެވެ.
ކޮވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅުތަކަކީ ސިއްހީ މާހިރުންނާއި ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މި ހާލަތުގައިވެސް އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ކުރިއަށް ވުރެ ހަރުދަނާ ކުރެވެމުން ދާ ކަމަށާއި އިތުރު ވަސީލަތްތައް އަތޮޅުތަކުގައި ގާއިމް ކުރެވިފައި ވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކާ ބައްދަލުކޮށްފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ހިޔާލު ހޯދުމަށް މަޖިލީހުން ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެއެވެ.
ސިއްހީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އިޖުތިމާއީ ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސިއްހީ ނިޒާމްގައި ހުރި ބޮޑެތި މައްސަލަަތައް ރަނގަޅުނުވެ ދުވަހެއް ދުވަހަކަށް ދަނީ ފަހަަތަށް ކަމަށާއި ސިއްހީ ނިޒާމް ދަނީ ވަޅު ޖެހެމުން ކަމަށް ޑރ. އިސްހާގް ޝަފީގް ވަނީ ވިދާޅުވެފައެވެ.